އާދެ! އެންމެހާ އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ލިބުން އޮތީ އިސްލާމީ ޢަޤީދާގެ ފުރިހަމަ އަދި ޞައްޙަ އުޞޫލުތަކުގައި ހިފަހައްޓައިގެން ކަން ކަށަވަރެވެ. މިކައުނުގައި، އިންސާނާގެ ޙަޔާތުގެ އެންމެ މަތިވެރި މަޤްޞަދަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމެވެ. ކަން މިހެން އޮތް އިރުވެސް އިސްލާމީ ޢަޤީދާ އާ މެދު ޝައްކު އުފެއްދުމާއި މީސްތަކުންގެ ހިތު ތެރެއިން އެ ލުހެލުމުގެ މަސައްކަތަކީ އަބަދުވެސް ކެޑިނޭޅި ކުރެވެމުން އަންނަ ދާއިމީ މަސައްކަތެކެވެ. މިކަމުގައި، ކޮންމެ ދައުރެއްގައިވެސް ޣައިރު މުސްލިމުންނެކޭ ދާދި އެއްވަރަށް މުސްލިމުންގެ ތެރެއިންވެސް ބައެއްމީހުން މަސައްކަތްކޮށްފައިވެއޭ ދެންނެވުމަކީ ހަމަގައިމުވެސް އިންސާފުން އެއްކިބާ ވުމަކަށް ނުވާނެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ ތެރޭގައި ޚަލްޤު ޤުރްއާނުގެ މައްސަލަހިމެނެއެވެ. ސީދާ ޚަލީފާ މައުމޫނުއްރަޝީދުގެ ދަރުބާރުގައި އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން މިމައްސަލައާމެދު ބަޙުޘްކޮށް މިކަމާމެދު ދެކޮޅުހަދާމީހުން ޤަތުލު ކުރެވުނެވެ. ހަމައެގޮތަށް ކީރިތި رسول الله صلى الله عليه وسلم އާއި زينب بنت جحش رضي الله عنها ގެ ކައިވެނިފުޅު ލޯބީގެ ޑްރާމާއެއްގެ ސިފައާއި ކުލަވަރު ޖައްސައި އެއަށް "ޝައުޤުލް ޙަބީބު އިލަލް ޙަބީބު"ގެ ސުރުޚީ ޖެއްސީ މިޞްރުގެ ޑޮކްޓަރطه حسينއެވެ.(السنة ومكانتها فى التشريع الإسلامي) އަދި އިސްލާމީ ޝަރީޢަތުގެ ދެވަނަ އަޞްލު ކަމުގައިވާ "ޙަދީޘް" އާދެ! ކީރިތި ރަސޫލާގެ ސުންނަތަށް ދީނުގައި ދެވިފައިވާ މަޤާމާއި ޤަދަރު ގެއްލުވާލުމަށްޓަކައި މަސައްކަތް ކުރީ އަބޫ ރައްޔާ އެވެ.( السنة ومكانتها فى التشريعالإسلامي) އިސްލާމީ ޢަޤީދާގައި ހިމެނޭ ނުޒޫލުލް ޢީސާ އާއި ޚުރޫޖުއްދައްޖާލް ، އާދެ! ޢީސާގެފާނު ފައިބައިވަޑައިގަތުމާއި ދައްޖާލު ފައުޅު ވުމަށް އިންކާރުކޮށް އަލްއިސްލާމުލް މުޞައްފާ ނަމަކަށް ކިޔުނު ފޮތެއް ލިޔުނު އަލް އުސްތާޛު މުޙައްމަދު ޢަބްދުﷲ އައްސަމްޢާން އަކީވެސް މީގެ އެއް މިސާލެވެ.(تمام المنة) މިފޮތުން އިސްތިފާދާކޮށް ރާއްޖެއަށް އޭގައިހުރި ބާޠިލު ޢަޤީދާތައް ފެތުރުމުގެ މަސައްކަތް ބައެއް މަޝްހޫރުފަރާތްތަކުން ކޮށްފައިވެއެވެ. ހަމަ އެހެންމެ، ކީރިތި ރަސޫލާ ހިލޭ އަންހެނުންނާ ސަލާމް ކުރެއްވި ކަމަށް ނޫހެއްގައި ލިޔެގެން އަޅުގަޑުމެންގެ މި ކުޑަކުޑަ ރާއްޖެއިންވެސް އެކަކު އިސްވެ މިދެންނެވުނު ސިލްސިލާގެ ބޮޅަކަށް ވެގެން ދިޔައެވެ. އިސްވެ ދެންނެވުނު ކަންތައްތަކަށްވުރެ މާ ނުރައްކާތެރި އަދި ޚުޠޫރަތްތެރިކަން ބޮޑު ގޮތަކަށް އިސްލާމީ ޢަޤީދާއާއި ޝަރީޢަތުގެ އުޞޫލްތަކާއި ޙުކުމްތަކުގެ ޙަޤީޤަތް އޮޅޭ ފަދަ ވާހަކަތައް ޓީ ވީ އެމްގެ ޕްރޮގްރާމްތަކުގައި ދައްކައިގެން ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެންގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދައިގެން އެ ޒުމްރާގެ ތެރެއަށް ވަދެގަތް އަނެކަކީ ޑޮކްޓަރ އަފްރާޝީމް ޢަލީ އެވެ. ފަހަރެއްގައި ، ޝަރީޢާ އިން ޕީއެޗް ޑީ ނަގާފައިވާ މީހެއްކަމަށް ބުނުމުން، ކޮންމެ އެއްޗެއް ކިޔަސް މީސްތަކުން އެއަށް آمنا وصدقنا ( އަހަރުމެން އީމާންވެއްޖައީމޭ އަދި އަހަރުމެން ތެދުކޮށްފީމޭ ) އޭ ކިޔާނެ ކަމަށް ޑޮކްޓަރަށް ހީވެފައި އޮތީ ކަންނޭނގެއެވެ. އެކަމަކު ޑޮކްޓަރ ހަދާންނައްތާލި ތަންކޮޅަކީ أهل الزيغގެ މަކަރުވެރި ރޭވުންތަކާއި ވާހަކަތަކަށް ޖަވާބު ދިނުމަށާއި އެއަށް ރައްދު ދީ އަދި މީސްތަކުންނަށް ޙައްޤު ބަޔާން ކޮށްދޭނެ ޙައްޤުގެ އަހުލުވެރިން އޭރުވެސް އަދި މިހާރުވެސް ތިބި ކަމެވެ. އިމާމް އަޙްމަދު ބުން ޙަންބަލް ، އިބްނު ތައިމިއްޔާ ، ޑޮކްޓަރ މުޞްތަފާ އައްސުބާޢީ ، ޝައިޚް އަލްބާނީ، ޤާޟީ ޘަނާއުﷲ ، ޝައިޚް ޙުސައިން ރަޝީދު ފަދަ ބޭފުޅުންނެވެ. އެހެންވީމާ ، އަފްރާޝީމުގެ ހާސަރުތަކުން އަޅުގަނޑުމެންގެ ޢަޤީދާއަށް ލޮޅުމެއް ނާރާނެކަން އެގެން ވާނެއެވެ. "أولئك آبائي فجئني بمثلهم- إذاجمعتنا ياجريرالمجامع" ޙަޤީޤަތުގައި އަފްރާޝީމުގެ ވާހަތަކަކީ ކުރީގައި ބަޔާން ކުރެވުނު މީހުންގެ ވާހަކަތަކަށް ވުރެ މާ ނުރައްކާތެރި އަދި ޚުޠޫރަތްތެރިކަން ބޮޑު ވާހަކަތަކަކެވެ. އެހެނީ އެހެން މީހުން ދީނުގެ ކޮންމެވެސް އެއްބަޔަކާމެދު ޝައްކާއި ވަހުމު އުފައްދަން މަސައްކަތް ކޮށްފައިވާ އިރު އަފްރާޝީމް ހަމަލަ ދިނީ މުޅި އިސްލާމްދީނަށެވެ. އިސްލާމީ ޢަޤީދާއަށެވެ. ސަބަބަކީ އޭނާގެ ވާހަކަތަކަށް ފުންކޮށް ވިސްނާލާއިރު އިސްލާމް ދީނުގައި ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނެތެވެ. އަދި މުސްލިމެއްގެ ގޮތުގައި ހުރެ ނުކުރެވޭ ނުވަތަ ކޮށްގެން ނުވާނެ ކަމެއްވެސް ނެތެވެ. އަދި ވަރަށް ކިބުރުވެރި ޖަޒްބާތީ ރާގަކަށް "ތިމަންނަ ފަދަ ޝަރީޢާއިން ޕީއެޗްޑި ނަގާފައިވާ މީހަކު މިފަދަ ވާހަކަތަކެއް ބުނުމުން ކަންބޮޑުވާނެ ވަރަށް ގިނަ މީހުން ތިބޭނެ އޭ" ބުނެފައިވެއެވެ. އަޅުގަޑު ޑޮކްޓަރުގެ މި ވާހަކަ އަށް ސައްތަ އިން ސައްތަ އެއްބަސްވަމުން ދަންނަވާނީ ވަރަށް ބޮޑު ތެދެކެވެ. ބައެއް މީހުން "ވަރަށް ބޮޑަށް ކަންބޮޑު" ވާނެއެވެ. އެކަމަކު ކޮންބައެއް ތޯއެވެ؟ ބޭނުން އިރަކު ވަދެ ނިކުމެ އުޅޭ އަދި ބޭނުން ހިދަކު ބޭނުން އެއްޗެއް ކައިބޮއި އުޅެވޭކަހަލަ ހޮޓަލެއް ފަދައިން ދީން ދެކޭ މީހުންނެވެ. އެއާ ޚިލާފަށް ޑޮކްޓަރުގެ ވާހަކައިން ދީނަށް ލޯބި ކުރާ އަދި ޙަޔާތުގެ މަޤްޞަދަކީ ﷲ ގެރުއްސެވުން ހޯދުންކަން ދަނެ އެގޮތަށް އުޅެން މަސައްކަތް ކުރާ މީހުންގެ އީމާންކަމަށް ލިބޭނީ އިތުރު ތާޒާ ކަމެކެވެ. ހަރުދަނާ ކަމެކެވެ. ތައުބާ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِذَا مَا أُنْزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَذِهِ إِيمَانًا فَأَمَّا الَّذِينَ آَمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ (سورة التوبة 124) މާނައަކީ " ސޫރަތެއް ބާވައިލެވިއްޖެހިނދު، މިސޫރަތް އެމީހެއްގެ އީމާންކަން ގަދަކޮށްއިތުރުކުޅައީ ކާކުހޭ ކިޔައި އުޅޭމީހުން، އެމީހުންގެ ތެރެއިން ވެއެވެ. އީމާންވީ މީހުން ދަންނާށެވެ. ފަހެ، އެމީހުންގެ އީމާންކަން އިތުރުވިއެވެ. އަދި އެކަމަށްޓަކައި އެބައިމީހުން އުފާކުރެތެވެ." ޑޮކްޓަރުގެ އޮށްޓަރެއް އަދި އެއްވެސްދަލީލެއް ނެތް ވާހަކަތަކުން، އަޅުގަޑުމެންގެ މަތިވެރި ދީނުގެ ފުރިހަމަ އުޞޫލުތަކާއި ޙުކުމްތައް އަދި ޢަޤީދާގެ ހަރުދަނާ ބިންގަލަށް އިތުރު ފުރިހަމަ ކަމެއް ނޫނީ ނުލިބޭނެއެވެ. وزادبك البديع نضرة كأنك في وجه الملاحة خال ﷲ ތަޢާލާގެ ވާގިފުޅާއެކު ޑޮކްޓަރުގެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ކުރިން ޑޮކްޓަރަށް އިލްތިމާސް ކުރާނީ ، ޑޮކްޓަރެވެ." ބަޔަކު މީހުން އެމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ޑޮކްޓަރު ބޭނުން ކުރަނީއެވެ. ބޭނުން ގޮތަކަށް ދީނުގެ ޙުކުމްތަކަށް ބަދަލު ގެނެސްގެން މީސްތަކުން ހުށަހަޅާއިރު ފަހަރުގައި ހިތްވަރު ދޭން ތިބޭނެއެވެ. ފަހަރު ފަހަރު މަތިން މީޑިއާގެ ތަފާތު ވަޞީލަތްތަކުން އެ ވާހަކަތައް ދުރަށްވެސް ފޮނުވާނެއެވެ. އެކަމަކު ރާއްޖޭގައި އަދިވެސް ގިނައީ އިސްލާމީ ޢަޤީދާގެ މަތިވެރި އަޞްލު ތަކުގައި ފައިތިލަ ސާބިތު ކޮށްގެން ތިބި ތެދުވެރި މުސްލިމުންނަށް ވީތީ ޑޮކްޓަރުގެ ދީނުގެ ޙުކުމްތަކާ ފުށުއަރާ ވާހަކަތައް ވާނީ " هبآء منثورا " އަށެވެ. ނަތީޖާއަކަށް ވާނީ އެއްކަލަ ފަހަތުގައި ހިތްވަރުދޭން ތިބި މީހުން އެއްފަރާތްވެ ދޫކޮށްލުމެވެ. އޭރުން يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنْتُ نَسْيًا مَنْسِيًّا (سورة مريم 23)" ސަހަރޯ! މިކަންޖެހުމުގެ ކުރީގައި އަހަރެން މަރުވެ ހަނދާންނެތި ގޮސްފައިވީނަމަހެވެ." ގެ ވިރުދަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އަދި ރަގަޅާއި ނުރަގަޅުގެ މިސާލު ﷲ ޖައްސަވާފައިވާ މި އާޔަތާމެދު ވިސްނާލައްވާށެވެ. އަދި ތައުބާ ވުމަށް އަވަސް ވެގަންނާށެވެ. فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً وَأَمَّا مَا يَنْفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ كَذَلِكَ يَضْرِبُ اللَّهُ الْأَمْثَالَ (سورة الرعد 17) މާނައީ : " ފަހެ އޮހެރޭ ފެނުގެ މައްޗަށް އަރާފޮނާއި (ކުނިތައް) އަދި ވިރިފައި ހުންނަ މަޢްދަނުގެ މައްޗަށް އަރާ ދަގުއިވެސް ބޭނުމެއްނެތް އެއްޗެއްގެ ގޮތުގައި އުކައިލެވި ގެއްލިދަނީއެވެ. ނަމަވެސް މީސްތަކުންނަށް ފައިދާހުރި ކަންތައްތައް ދުނިޔެމަތީގައި ހަރުލައި ހުންނަނީއެވެ. މިފަދައިން ﷲ (ރަނގަޅު އަދި ނުރަނގަޅުގެ) މިސާލު ދައްކަވަތެވެ." އަދި ﷲ ގެ ވަޙީ ބަސްފުޅުގައި ވާފަދައިން، އެމީހެއްގެ ހިތް ﷲ ގެ ޒިކުރުން ޣާފިލް ކުރެވިފައިވާ މީހުންގެ ތެރޭގައި ނުވުމަށް މަސައްކަތް ކުރައްވާށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَلا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا (سورة الكهف 28) މާނައީ " އަދި ތިމަން އިލާހު ހަނދާންކުރުމުން އެމީހެއްގެ ހިތް ޣާފިލު ކުރައްވައި އަދި އެމީހެއްގެ ހަވާނަފްސަށް ތަބާވެ އަދި އެމީހެއްގެ ކަންތައްތައް(ނުބައިކަމުގައި) ޙައްދުފަހަނަޅާފައިވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ." ދެން މިހާތަނުން ޑރ. އަފްރާޝީމް ޓީވީ އެމްގެ ތަފާތު ޕޮރޮގްރާމްތަކުގައި ދައްކާފައިވާ ބައެއްވާހަކަތަކުގެ ތެރެއިން " ލަވައިގެ " ވާހަކައަށް ބަލާލަމާ ހިނގާށެވެ. ލަވައަކީ ޅެންވެރި ކަމުގެ ތެރޭގައި ހިމެނޭ އެއްބައިކަމަށް ވިޔަސް އިހަށް ޅެންވެރިންނާ ބެހޭގޮތުން ކީރިތި ޤުރްއާނުގައިވާ ﷲގެ ވަޙީ ބަސްފުޅުތަކަށް ބަލާލުން ރަނގަޅުވާނެއެވެ. ކީރިތި ޤުރްއާނުގައި ޅެންވެރީންގެ ތެރެއިން އީމާންވެ ، ޞާލިޙް ޢަމަލުކޮށް ﷲއަށް ގިނަގިނައިން ޛިކުރުކޮށް އުޅޭމީހުން ފިޔަވައި އެހެން ޅެންވެރިންގެ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ () أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ () وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ (سورة الشعراء 224 - 226) މިތިންއާޔަތުގައި ޅެންވެރިންގެ ޚާއްޞަ ތިން ސިފައެއް ބަޔާންކުރައްވާފައިވެއެވެ. ފުރަތަމަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ސިފައަކީ ޅެންވެރިންނާއި އެމީހުންބުނާހާ އެއްޗަކަށް ސާބަސްދީ ވާހް ވާހް ކިޔަމުން ތަބާވެ އުޅެނީ އިންސާނުންނާއި ޖިންނީންގެ ތެރެއިން މަގުފުރެދިފައިވާ މީހުން ކަމެވެ. ދެވަނަ އާޔަތުގައި ބަޔާންކުރައްވާ " ޅެންވެރިކަމުގެ " ކޮންމެ ވާދީއެއްގައި ހިނގައި އުޅޭނެކަމެވެ. ހަޖޫ ކިޔުމާއި ހުތުރުކަން ބޮޑު ވާހަކަތަކާއި ބުއްދިއާއި ޟަމީރަށްވެސް ޤަބޫލުނުކުރެވޭ ކަހަލަ ވާހަކަތައް ދައްކާ އުޅޭނެ ވާހަކައެވެ. ތިންވަނަ އާޔަތުގައި ބަޔާންކުރައްވަނީ އެމީހުން އަބަދުވެސް ދައްކާނީ އެމީހުން ބުނާގޮތައް ކަންތައް ނުކުރާނެވާހަކައެވެ. ތިމާމެންނަށް ކުރަން ކުޅަދާނަވެގެން ނުވާކަހަލަ ބޮޑެތި ކަންތައް ކުރާނެވާހަކައާއި ހެޔޮކަމަކަށް ގޮވާލިޔަސް އަމިއްލައަށް އެކަމެއް ނުކުރާ ކަހަލަ ކަންތަކެވެ. މީގެ އިތުރަށް ޔާސީން ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. " وَمَاعَلِّمْناهُ الشِّعْرَوَمَا يَنْبَغِيْ لَه " މިއާޔަތުގައި ޚާއްޞަކޮށް ބަޔާންކުރައްވާފައިވަނީ ކީރިތިރަސޫލާގެ ރަސޫލުކަމާއި ނަބީކަމުގެ މަތިވެރި ދަރަޖައަށް ބަލާއިރު ޅެންވެރިކަން އެކަލޭގެފާނަށް ނިޞްބަތްކުރުމުގެ ވާހަކައެވެ. އާދެ! ﷲ ވަޙީ ކުރައްވާފައިވަނީ " އަދި ތިމަން އިލާހު އެކަލޭގެފާނަށް ޅެން އުގަންނައި ނުދެމެވެ. އަދި އެކަލޭގެފާނު އެކަމަށް އެކަށީގެންވެސް ނުވެއެވެ. މިކަމުގެ އެތައް ހެކިތަކެއް ތަފްސީރުގެ ތަފާތު ފޮތްތަކުގައި ބަޔާންކުރެވިފައިވެއެވެ. މިގޮތުން ގިނަފަހަރަށް މާތް ނަބިއްޔާ އެހެންމީހެއްގެ ޅެމުގެ ބައިތައް ވިދާޅުވިއަސް އެބައިތުގެ " ވަޒަން" ގެއްލޭގޮތައް ނޫނީ ވިދާޅުނުވެއެވެ. މިސާލަކަށް " كفىبالإسلام والشيب للمرء ناهيا " މިފަދައިން ވިދާޅުވުމުން އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ޝާޢިރު ކިޔާފައިވަނީ كفى الشيب والإسلام للمرء ناهيا މިގޮތަށެވެ. މިއިން އަޞްލުބައިތުގައިވާގޮތާއި ރަސޫލާ ވިދާޅުވިގޮތް ވިސްނާލިކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޅެންތައް އަޑުއެއްސެވުމަކީ ކީރިތިރަސޫލާ ވަރަށްގިނައިން ކުރެއްވި ކަމެކެވެ. އަދި މިކަމަށް أهل علم ގެ ތެރެއިން އެއްވެސް ބޭކަލަކު ދެކޮޅު ނަހައްދަވައެވެ. ކަންއޮތީ މިގޮތައް ކަމުގައިވިޔަސް ޅެންތައް ކިޔުމުގެ ނުބައިކަމާއި އަދިރަނގަޅުކަމުގެ ޙަދީޘްތައް ވާރިދުވެފައިވެއެވެ. މުސްލިމުގައި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. لأن يمتلئ جوف أحدكم قيحا يريه خيرمن أن يمتلئ شعرا " ޅެންބައިތެއް ކިޔުމަށްވުރެ، ކަލޭމެންގެ ތެރެއިން މީހަކު ބަނޑުފުރާ ހޮޑުކެއުން ރަނގަޅުވާނެއެވެ." އަދި عبدالله بن عمروبن العاص رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. "الشعربمنزلة الكلام حسنه لحسن الكلام، وقبيحه قبيح الكلام " މާނައަކީ "ޅެންކިޔުމަކީ ވާހަކަދެއްކުން ކަހަލަ ކަމެކެވެ. އޭގެތެރެއިން ރަނގަޅު ޅެން ރަނގަޅު ވާހަކައާއި އެއްފަދައެވެ. އަދި ނުރަނގަޅު ޅެން ނުރަނގަޅު ވާހަކައާ އެއްފަދައެވެ." އަދި أبوهريرة ގެ އަރިހުން ރިވާވެގެންވެއެވެ. سمعت رسول الله صلى الله عليه وسلم على المنبر يقول "اصدق كلمة اواشعركلمة قالتها العرب قول لبيد الا كل شيء ماخلاالله باطل " މާނައަކީ "މިންބަރުގައި ހުންނަވައިގެން ކީރިތިރަސޫލާ ޙަދީޘް ކުރައްވަނިކޮށް ތިމަން ކަލޭގެފާނު އެއްސެވީމެވެ. " ޢަރަބިން ކިޔައި އުޅޭ އެންމެތެދު ނުވަތަ އެންމެ ރަނގަޅު ބައިތަކަކީ ލަބީދުގެ މިބައިތެވެ. " ނިކަން ހޭވެރިވެ ތިބޭށެވެ. ﷲ ފިޔަވައި އެހެން ހުރިހާ އެއްޗަކީ ބާޠިލް އެއްޗެއްސެވެ."(تفسير قرطبي ،أضواءالبيان ، فتح القدير ) މިފަދަ އެހެނިހެން ޙަދީޘްތަކާއި އަދި الشعراء ސޫރަތުގެ وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ މިއާޔަތުގެ އަލީގައި ދަންނަބޭކަލުން ޅެން ކިޔުމުގެ ތަފާތު ޙުކުމްތައް ބަޔާން ކުރައްވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ: 1- ހުއްދަޅެން – މިއީ އެޅެމެއްގައި ނުވަތަ ބައިތެއްގައި ޙިކްމަތުގެ ބަސްތައް ހުންނަ ޝަރްޢީގޮތުންނާއި ޠަބީޢީ ގޮތުން ރަނގަޅު ކަމުގައި ބެލެވޭ އެއްޗެއްސެވެ. މިސާލު : ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން 2- މަންދޫބު – މިއީ ﷲގެ ލަފްޡާއި ޙަމްދާޘަނާ އެކުލެވިގެންވާ ޅެންތަކެވެ. މީގައި ރަސޫލާގެ މަދަޙަތައް ހިމެނިގެންވެއެވެ. 3- ހުއްދަނޫން – މިއީ މީހެއްގެ އަބުރު ނަގާލުމާއި ޙައްޤަށް އިންކާރުކުރުމާއި ޢާއްމުކޮށް އިންސާނަކަށް ކުރުން އެކަށީގެންނުވާ ކަހަލަކަމަކަށް ދަޢްވާކުރުމާއި ހަޖޫ ކިޔުމާއި ޙަރާމް ކަންތައްތަކަށް ހިތްވަރު ދިނުމާއި އަންހެނުންގެ ތަފާތުސިފަތައް ބަޔާންކުރުމާއި ޝަހްވާނީ އެދުންތައް ހިލި قوةغريزه އުތުރި އަރައިގެން ދާފަދަ ގޮތަކަށް ބަޔާން ކޮށްފައިވާ ޅެންތަކެވެ. އޮޅިފައިނުވާނެ ފަދައިން ލަވައިގެތެރޭގައި ތަފާތުވައްތަރުގެ ލަވަތައް ހުރެއެވެ. މިސާލަކަށް ޤައުމީ ލަވަ ، މުބާރާތުގައި ޢާއްމުކޮށް ދަރިވަރުން ކިޔައިއުޅޭ އިސްވެބުނެވުނު ހުއްދަނޫން ޅެމުގެ ތެރެއަށް ނުފެތޭ ލަވަ ، އަންބާތައް ، މަދަޙަ އަދި ޙަމްދުޘަނާ ފަދަ ތަކެއްޗެވެ. އެންމެ އާދައިގެ ވިސްނުން ހުންނަ މީހާއަށްވެސް މިބައިތަކުގައި ހުންނަ ތަފާތުތައް ދެނަގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަންނަނިވި އާޔަތްތަކަށް ވިސްނާލުމުން ލަވަކިޔުމަކީ ކޮންކަހަލަ ކަމެއްކަން އެނގުމަކީ މާކައުނދަގޫ ކަމަކަށް ނުވާނެއެވެ. " وَمِنَ النَّاسِ مَنْ يَشْتَرِى لَهْوَالْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ " لقمان:6 މާނައަކީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެފަތުރާ ބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާ ނުލައި މާތް ﷲ ގެ ދީނުންމީސްތަކުން ދުރުކުރުވުމަށްޓަކައެވެ. އަދި އެކަމުން ވިޔާނުދާ އުފަލެއް ލިބިގަތުމަށްޓަކައެވެ.އެބައިމީހުންނަށް ނިކަމެތިކަން ލިބެނިވި ގަދަ ޢަޛާބު ހުއްޓެވެ. " ގިނަ ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި لَهْوَالْحَدِيثِ މުރާދަކީ ލަވައެވެ. " إغاثة اللهفان " އަދި ހަމަމިފަދައިން، قصص ސޫރަތުގެ 55 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވަނީ وَإِذا سَمِعُوااللَّغْوَ أَعْرِضُوْاعَنْهُ وَقَالُوْالَنَآأَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلاَمٌ عَلَيْكُمْ لاَ نَبْتَغِى الْجَاهِلِيْنَ އަދި އެބައިމީހުން، ބޭނުމެއްނެތް ވިޔާނުދާ ވާހަކަ ދެކެވޭ އަޑުއިވޭހިނދު އެއިންވަކިވެ ދުރުވެގަނެއެވެ. އަދި ބުނެތެވެ. އަހުރަމެންގެ ޢަމަލުތައް އަހުރަމެންނަށެވެ. ކަލޭމެންގެ ޢަމަލުތައް ކަލޭމެންނަށެވެ. ކަލޭމެންނަށް އެއިލާހު ސަލާމަތްކަން ދެއްވައި ތިޔަކަހަލަ ވިޔާނުދާ އަނގަތެޅުމުން މިންޖުކުރައްވާށިއެވެ. އަހުރަމެން އަލުން އެނބުރި ޖާހިލުންނަށް ވުމަކަށް ނުއެދެމުއެވެ." އަދި الفرقان ސޫރަތުގައި عبادالرحمن(ރަޙްމާނު ވަންތަ އިލާހުގެ އަޅުން) ގެ ޚާއްޞަ ސިފަތައް ބަޔާންކުރައްވަމުން އެބައިމީހުންގެ އެއްސިފައަކަށް އެސޫރަތުގެ 72 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. وَالَّذِينَ لاَ يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا (سورة الفرقان 72) އަދި އެބައިމީހުންނަކީ ދޮގުހެކި ނުދޭ މީހުންނެވެ. އަދި ބޭނުންނެތް ކަންތަކާއި ބަސްތައް ފަހަނަޅައި ދާހިނދު ، މާތްމީހުންގެ ގޮތުގައި އެކަންކަމުގައި ބައިވެރިނުވެ ފަހަނަޅައި ދާމީހުންނެވެ." މިދެއާޔަތުގައި اللَّغْوَ ގެ މުރާދަކީ ލަވަކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. މިހާތަނުން ޑރ. އަފްރާޝީމް ޓީވީ ޕޮރޮގްރާމުގައި ރަސޫލާއަށް ނިޞްބަތްކޮށް އެކަލޭގެފާނު ޚަންދަޤު ހަނގުރާމައިގައި ލަވަވިދާޅުވިއޭ އަދި ލަވަ ވިދާޅުވުމަކީ އެކަލޭގެފާނު ވަރަށްބޮޑަށް ބާރު އަޅުއްވާކަމަކޭ ބުނި ބުނުމުގެ ތެދާއި ޙަޤީޤަތް އެކުލެވެނީ ކިހާވަރަކަށްތޯ ބަލާލުން ރަނގަޅުވާނެއެވެ. އެންމެފުރަތަމަ ދިވެހިބަހުގައި " ލަވަ" މިބަސް ބޭނުންކުރެވެނީ ކޮންއެއްޗަކަށްތޯ ބަލައިލަމާ ހިނގާށެވެ. ދިވެހި އަދަބުގައި "ލަވަ" އަކީ މިއުޒިކާއި ރާގުގެ ހަމަތަކަށް މައިގަނޑަކާއި ކަޑިތަކުގެ މައްޗަށް ބިނާކޮށްފައި ހުންނަ އެއްޗަކަށް ކިޔާނަމެކެވެ. އިސްލާމީ ދިވެހި ޖައްވުގެ "ފަޖްރުލް ކާޛިބު" އަކަށް ޑރ. އަފްރާޝީމް ހެދުމުގެ އެންމެ ބޮޑުމޭސްތިރި އާދަމް ނަޞީރުވެސް މަތީގައި ބަޔާންކުރެވިފައިވާ ލަވައިގެ ތަޢާރަފާމެދު ދެބަސް ނުވާނެކަން ޔަޤީނެވެ. ދެވަނަކަމަކީ ޢާއްމުކޮށް ރަސޫލާގެ މުޅި ޙަޔާތްޕުޅު ، ޚާއްޞަކޮށް ރަސޫލުކަން ލިބިވަޑައިގަތުމުން ފެށިގެން ސުވަރުގެ ވަޑައިގަންނަވަންދެން ހިނގާފައިވާ އެންމެހާ ކަންތައްތަކަކީ ނޭގުމެއްގެ ތެރޭގައިވާ ކަންތައްތަކެއްނޫންކަމެވެ. ދުވާލުގެ އިރުފަދައިން އެންމެންނަށްވެސް ސާފުކޮށްފެންނަން އަދި އެނގެން ހުރި އެއްޗެހިތަކަކަށް ވީމާ އެކަލޭގެފާނު ޚަންދަޤު ނުވަތަ އެހެން ހަނގުރާމައެއްގައިވިއަސް ލަވަވިދާޅުވިނަމަ އެވިދާޅުވި ލަވައެއް ސީރަތާއި ތާރީޚްގެ ޞަފްޙާތަކުން ފެންނަން ހުންނާނެ ކަމާމެދު ޝައްކެއްނެތެވެ. އާދެ! ޙުނައިނު ހަނގުރާމައިގައި ކީރިތި ރަސޫލާ ވިދާޅުވިކަމަށް ތާރީޚް ފޮތްފޮތުގައި ބަޔާންކުރެވިފައިވާ أناالنبي لاكذب ، أناابن عبد المطلب މީގެ މަފްހޫމަކީ " އަހަރެންނަކީ ތެދުވެރި ނަބިއްޔަކީމެވެ. އަހަރެންނަކީ ޢަބްދުލް މުއްޠަލިބުގެ ދަރިއަކީމެވެ." މިއެވެ. އަދި ޚަންދަޤު ހަނގުރާމައިގައި އަޞްޙާބުބޭކަލުން ހައިހޫނުކަންމަތީގައި ޚަންދަޤު ކޮނުމުގެ ބުރަމަސައްކަތް ކުރައްވަމުން ގެންދެވިއިރު އެބޭކަލުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ވިދާޅުވި ލަވައަކީ " أللهم إن العيش عيش الأاخرة ، فاغفر للأنصار والمهاجره " މީގެ މަފްހޫމަކީ " އޭﷲ! ހަމަކަށަވަރުން ދިރިއުޅުމަކީ އާޚިރަތުގެ ދިރިއުޅުމެވެ. ފަހެ އަންޞާރުންނާއި މުހާޖިރުންގެ ފާފަފުއްސަވާދޭވެ." ޖަވާބުގައި އަޞްޙާބުބޭކަލުން ވިދާޅުވިއެވެ. نحن الذين بايعوا محمدا ، على الجهاد مابقينا أبدا (فتح الباري 7) މީގެ މަފްހޫމަކީ " އަހުރަމެންނަކީ ދިރިތިބިހާހިނދަކު ޖިހާދު ކުރުމަށް محمدصلى الله عليه وسلم އަށް ބައިޢަތު ހިއްޕަވައިގެން ތިބި ބަޔަކީމެވެ." މިގެނެސްދެވުނީ ރަސޫލާގެ ސީރަތުގައްޔާއި ޙަދީޘް ފޮތްފޮތުގައި ބަޔާންކުރެވިފައިހުރި މިންވަރު އެއްވެސް އުނިއިތުރެއް ނެތިއެވެ. މިބައިތުތަކަށް ވިސްނާލުމުން މީ އެއްގޮތަކަށްވެސް ޑރ. އަފްރާޝީމް އެބުނި ކަހަލަ ލަވަތަކެއް ނޫންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަދި ހަމަ މިގޮތުން ޚައިބަރުހަނގުރާމައިގައި عامربن الأكوع رضي الله عنه ގެ އަރިހުން ބައެއް އަޞްޙާބުބޭކަލުން އެދިލެއްވުމުން އެކަލޭގެފާނު އަންބާއެއް ވިދާޅުވިއެވެ. އެއީ: أللهم لولآأنت مااهتد يْنا ، ولاتصد قناولاصلينا ، فاغفرفداءلك مااتقينا ، وثبت الأقدام إن لاقينا ، وألقين سكينةا علينا ، إناإذا صيح بناأبينا މީގެ މަފްހޫމަކީ " ﷲ (މިތާނގައި މިލަފްޡު އައިސްފައިވަނީ ދުޢާއެއްގެ ގޮތުގައިނޫނެވެ.(فتح الباري 7))ކަލޭގެފާނު ވަޑައިނުގެންނެވިނަމަ އަޅުގަނޑު މެންނަށް ތެދުމަގު ލިބި ނަމާދުކޮށް އަދި ޒަކާތް ދޭބަޔަކަށް އަހުރަމެން ނުވީހެވެ. ކަލޭގެފާނަށްޓަކައި އަހުރަމެން ޤުރްބާންވަމެވެ. އަދި ކަލޭގެފާނަށް ނަޞްރުދިނުމުގައި އަހުރަމެންގެ ފަރާތުން އުނިކަމެއް ވެފައިވާނަމަ މާފުކުރައްވާށެވެ. އަހުރަމެން ﷲގެ އެއްވެސް ޢަމްރުފުޅެއް ދޫކޮށެއް ނުލަމެވެ. އަދި ދުޝްމަނުންނާ ބައްދަލުވާހިނދު އަހުރަމެންގެ ފައިތިލަތައް ޘާބިތުކޮށްދެއްވުމަށާއި އަމާންކަމާއި ހިތްހަމަޖެހުން ދެއްވުން އެދި ދުޢާކޮށްދެއްވާށެވެ. ހަމަކަށަވަރުން ބާޠިލު އަދި ޙައްޤު ނޫންކަމަކަށް އަހުރަމެންނަށް ގޮވާލެވުނުނަމަ އިންކާރުކޮށް މަނާ ކުރާނަމެވެ. "( فتح الباري ) ދެން އޮތީ ކީރިތިރަސޫލާގެ ލޮބުވެތި އަނބިކަނބަލުން عائشة صديقة رضي الله عنها ގުރޫޕަކާއެކު ލަވަވިދާޅުވިވާހަކައެވެ. އާދެ! އެކަމަނާ أنصاري ދެއަންހެން ކުދިންނާއެކު ލަވަވިދާޅުވި ވިދާޅުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަގޮތައް ލަވަކިޔާ ޚާއްޞަ ގުރޫޕްތަކުން ކިޔާ " ހިތްއެދޭތީ މައެދެމޭ ސަމާސާކުރަން " ކަހަލަ ލަވަތަކެއްނޫނެވެ. عائشة صديقة رضي الله عنها ގެ އަރިހުގައި ތިބި ދެއަންހެންކުދިންނަކީ މުކައްލަފުންނަށް ނުވާ ޅަދެއަންހެން ކުދިންނެވެ.(ބުޚާރީ) އަދި ޢާއްމުކޮށް ލަވަކިޔާ އުޅޭ ބައެއްވެސް ނޫނެވެ. އެކުދިން ކިޔަމުން ގެންދިޔަ ލަވަޔަކީ" اتيناكم، اتيناكم، فحيونا نحييكم " މާނައަކީ "އަހުރަމެން ކަލޭމެންގެ ގާތަށް އަތުވެއްޖައީމެވެ. އަހުރަމެން ކަލޭމެންގެ ގާތަށް އަތުވެއްޖައީމެވެ. ފަހެ ކަލޭމެން އަހަރުމެންނަށް މަރުހަބާ ކިޔާށެވެ. އަހަރުމެން ކަލޭމެންނަށް މަރުހަބާ ކިޔާނަމެވެ." ދެން އޮތީ ލަވަކިޔުމުން عمر رضي الله عنه ނުރުހުންވެވަޑައިގެން އުޅުއްވުމުން އެކަލޭގެފާނަށް ކީރިތިރަސޫލާ ވިސްނައިދެއްވުމުން ހިތްހަމަ ޖެހިވަޑައިގެންނެވިވާހަކައެވެ. ޙަޤީޤަތުގައި މިވާހަކައަކީވެސް ވަކިޚާއްޞަކަމެއް ނުވަތަ ވަކިއެއްޗެއް މީސްތަކުންނަށް ނުސީދާކޮށް ދަސްކޮށްދިނުމުގެ "މަތިވެރި ނިޔަތުގައި" ބުނެފައިވާ ވާހަކައެކެވެ. ސަބަބަކީ عمر رضي الله عنه ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވިކަމަށް ތާރީޚުގައި ބަޔާންކުރެވިފައިވާ އެއްވެސް ޙަދީޘަކުން މުޠުލަޤްކޮށް " ލަވަ " ކިޔުން ހުއްދަކަމަކަށް ދަލީލެއް ނުލިބެއެވެ. އެގޮތުން އެއް ޙަދީޘަކީ أبوهريرة رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘެކެވެ. އޭގައި أبوهريرة رضي الله عنه ވިދާޅުވިއެވެ. އެއްފަހަރަކު عمر رضي الله عنه مسجد النبويގެ ތެރެއިން ވަޑައިގެންނެވިއިރު حسان بن ثابت الأنصاري ޅެންބައިތުތަކެއް ވިދާޅުވަނިކޮށް އިވިވަޑައިގެން ކުޑަކޮށް މަޑުކުރައްވާފައި حسان ގެ ފާނާ ދިމާލަށް ބެއްލެވިއެވެ. އެވަގުތު حسان ގެ ފާނު ވިދާޅުވިއެވެ. ކަލޭގެފާނަށްވުރެ( عمر رضيالله عنه) މާބޮޑަށްވެސް މާތްބޭކަލެއްގެ( رسول الله صلى الله عليه وسلم ) ކުރިފުޅު މަތީގައި، މިސްކިތުގައި އަހުރެން ޅެންކިޔައި އުޅެމެވެ. ދެން عمر رضي الله عنه ހަނު ހުންނެވިއެވެ. ދެން حسان ގެ ފާނު أبوهريرة އާ ދިމާލަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ﷲ ގަންދީ ކަލޭގެފާނު ވިދާޅުވެ ބައްލަވާށެވެ. ކަލޭގެފާނު رسول الله صلى الله عليه وسلم އަޅުގަނޑާއި މުޚާޠަބުކޮށް ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ޖަވާބުދެއްވާށޭ! އޭﷲ! އޭނާއަށް (حسان އަށް) ޖިބްރީލްގެފާނު މެދުވެރިކޮށް ބާރުދެއްވާދޭނވެ! މިގޮތަށް ޙަދީޘް ކުރެއްވި އަޑު ނައައްސަވަންތޯއެވެ. أبوهريرة ވިދާޅުވިއެވެ. އާނއެކެވެ. މިޙަދީޘް އިމާމް އަޙްމަދާއި އިބްނު ޞަޢްދު ރިވާކުރައްވާފައިވެއެވެ. ދެވަނަ ޙަދީޘަކީ ابن عباس رضي الله عنهما އަރިހުން ރިވާވެފައިވާ ޙަދީޘެކެވެ. عمرة القضاء އަށް ވަޑައިގެން މައްކާގެ ތެރެއިން ރަސޫލާ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ކުރީގައި ހުންނަވައިގެން عبد الله بن رواحة ވަޑައިގަންނަވަމުން މައްކާގެ ކާފަރުންގެ ބޯތައްކަޑައި އެމީހުން ބަލިކޮށް އެކަކު އަނެކާއި ވަކިކޮށް އެމީހުން ނިކަމެތި ކުރާނެ ވާހަކަ ހިމެނޭ ޅެންބައިތުތަކެއް ވިދާޅުވުމުން عمر رضي الله عنه ވިދާޅުވިއެވެ. " އޭ ރަވާޙާގެ ދަރިއެވެ. ﷲގެ ޙަރަމްފުޅުގެ ތެރޭގައި އަދި رسول الله صلى الله عليه وسلم ގެ ކުރިފުޅުމަތީގައިވެސް ތިކަހަލަ އެއްޗެހި (ޅެން) ކިޔަނީހެއްޔެވެ." މިހެން ވިދާޅުވުމުން رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " އޭ ޢުމަރެވެ. އޭނާއަށް ކިޔަދޭށެވެ. އެހެނީ ތީރުގެ ތޫނުކަމަށްވުރެވެސް ބޮޑަށް އެމީހުން(ކާފިރުން)ނަށް އޭގެ އަސަރުކުރުން އަވަސްވާނެއެވެ. " މިޙަދީޘް އިމާމް ތިރިމިޛީ ޞަޙީޙް ކުރައްވާފައިވެއެވެ. މިދެ ޙަދީޘުން އެނގެނީ ކޮންމެކަހަލަ ލަވައެއް ކިޔުމަކީ ހުއްދަކަމެއް ނޫންކަމާއި އަދި ހުއްދަ ލަވައެއްވެސް މިއުޒިކާއުކު ކިއުން ރަނގަޅުނޫން ކަމެވެ. އެހެނީ މިއިން އެއްވެސް ޙަދީޘެއްގައި އެބޭކަލުން އެކިޔުއްވާފައިވަނީ މިއުޒިކާނުލައިކަން ޘާބިތުވާތީއެވެ. އިސްލާމީ އިރުޝާދާއި ތަރުބިއްޔަތުގެ ރޫޙާއި ޚިލާފުލަވަތައް ކިޔުއްވި ބައެއް ޢާމިލުން (ރަށުގެ ވެރިން) ވެރިކަމުން ޢުމަރުގެފާނު ވަކިކުރައްވާފައިވާކަމަށް ތާރީޚުން އެނގެން އެބަހުއްޓެވެ. ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ބައެއް ހަނގުރާމަތަކަށް ޢިޝާރާތްކޮށް ރަސޫލާ ލަވަ ވިދާޅުވިކަމަށް އެބުނާ ހުރިހާ "ލަވައެއް" މާނައާއެކު ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ޙަޤީޤަތް ހޯދައި ޙައްޤުގެ މަތީގައި ޘާބިތުވެތިބުމަށް މަސައްކަތްކުރާ އަދި ބާޠިލަކީ ކޮބައިކަން ބަލައި އެއިން ރައްކައުވެތިބުމަށް އެދޭމީހުންނަށް ޝަރީޢާގެ ލިބާހުގައި ޕީއެޗްޑީން އަތްކަން އަޅައިގެން ތިބެ ދައްކާވާހަކަތަކުގެ އަވާގައިޖެހި ގެއްލިގެން ދިޔަނުދިނުމަށެވެ. ލަވަކިޔުމާއި ޤުރްއާން ކިޔެވުމާއި އެއްވަރަކަށް ދެކަން ނުކުރެވޭނެއެވެ. ابن مسعود رضي الله عنه ވިދާޅުވަނީ الغناء ينبت النفاق ލަވަކިޔުމަކީ ނިފާޤު(މުނާފިޤުކަން) އުފައްދާކަމެކެވެ. މިބަސްފުޅާއި ގުޅުވައިގެން إمام ابن القيم ވިދާޅުވަނީ ލަވަކިޔުން އާދަވެފައިވާ މީހާގެ ހިތް މުނާފިޤުވެގެންދާނީ އޭނާއަށް ނުވެސް އެނގިހުރެކަމެވެ. އެހެނީ އެއްހިތެއްގައި ލަވައާއި ޤުރްއާނުގެ ލޯބި އަށަގަތުމަކީ ވާނެކަމެއް ނޫންކަމެވެ. ދޭތިން ކޮންމެވެސް އެކަތިގަދަވެ އަނެއްއެތި ދުރު ނުކޮށް ނުހުންނާނެއެވެ. ލަވަކިޔާއިރު އެކުރާ އަސަރާއި އެއަށް ވަޖިދުވަނުމާއި އަދި މޫނުމަތިން އެފެންނަ ޖަޒްބާތު ޤުރްއާންކިޔަވާއިރު ނުފެންނާނެއެވެ. ކިތަންމެވަރަކަށް ދަޢްވާކުރިއަސް ޤުރްއާން ކިޔެވުން ކީއްކުރަން ޤުރްއާން އަޑުއެހުންވެސް އެފަދަ މީހުންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެއެވެ.(مدارج السالكين) ﷲ އެއިލާހު ރުހިވޮޑިގަންނަވާގޮތަށް އުޅުމުގެ ތައުފީޤް އަޅަމެންނަށް ދެއްވާށިއެވެ. آمين والحمد لله رب العالمين وصلى الله وسلم على نبينا محمد وآله وصحبه وبارك وسلم |